އިންޑިއާގެ މައި ސިޓީ މުމްބާއީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ހުރިހާ ސްކޫލްތަކެއް ބަންދުކުރަން ޖެހިއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި މުމްބާއީ ސިޓީއަށް 54 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހިފައިވާއިރު، ސިޓީގެ އިރުމަތީ އަދި ހުޅަނގު ސަބަރބަން ސަރަހައްދުތަކަށް 72 މިލިމީޓަރާއި 65 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މުމްބާއީއާއި ކައިރި ސަރަހައްދުތަކަށް ރަތް އެލާޓް ނެރެފައެވެ.
މުމްބާއީ ސިޓީ ކައުންސިލް (ބީއެމްސީ) އިން ވަނީ ހާލަތު ގޯސްވުމާ ގުޅިގެން އާންމުންނަށް ކުއްލި ހާލަތްތަކުގައި ގުޅޭނެ ހެލްޕްލައިން ނަންބަރެއް ހާމަކޮށް، ބޭނުންތެރި ކަމެއް ނެތި ގޭން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވެހެމުންދާ ވާރޭގެ ސަބަބުން މުމްބާއީގެ މުހިންމު މަގުތަކުގައި ފެންބޮޑުވެ، އިސްޓަން ފްރީވޭ އަދި ވެސްޓަން އެކްސްޕްރެސް ހައިވޭ ފަދަ މައި މަގުތަކުގައި ގިނަ އުޅަނދުތައް ވަނީ ތާށިވެފައެވެ.
ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު، ލޯކަލް ރޭލުތައް 15-20 މިނެޓާ ދެމެދުގެ ވަގުތެއް ލަސްވެގެން ދަތުރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބީއެސްޓީ ބަސްތަކުގެ މަގުތައް ބަދަލުކުރުމުގެ މައުލޫމާތުތައްވެސް ބީއެމްސީން އަންނަނީ ހާމަކުރަމުންނެވެ.
މީގެ އިތުރުން، ކެމްބޫރު ސަރަހައްދުގައި ފާރެއް ވެއްޓިފައިވާ ކަމަށް ރިޕޯޓްކުރެވިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބީއެމްސީ އަދި ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އަދި މި ސަރަހައްދުން ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.



