ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް، މާލެ ދޫކޮށް ރާއްޖޭގެ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަށް ވިސްނާ ކަމުގެ ސިގްނަލެއް ދީފިއެވެ.
ދިރިއުޅުން ރާއްޖޭގެ އެހެން ރަށަކަށް ބަދަލު ކުރަން އުޅޭ ކަހަލަ ސިގްނަލެއް އަލީ ރަމީޒް ދީފައިވަނީ އޭނާ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
”ރާއްޖޭގެ އެންމެ އަރާމު ރަށަކަށް ދިރިއުޅުން ބަދަލުކުރަންވީ.“ އެ ޕޯސްޓުގައި އަލީ ރަމީޒް ބުނެފައިވެއެވެ.
އަދި މި ޕޯސްޓާއެކު އޭނާ ވަނީ އެންމެ އަރާމުވާނީ ކޮން ރަށެއްތޯ ސުވާލުކޮށްފައެވެ. މި ޕޯސްޓަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަމާއެކު ކޮމެންޓް ކުރަމުންނެވެ.
ރާއްޖޭގައި ލަވަކިޔުމުން އެންމެ މަޝްހޫރު އެއް ފަންނާނެއްގެ ގޮތުގައި ފާހަގަކުރެވުނު އަލީ ރަމީޒު، 2000 ގެ ކުރީކޮޅު ލަވަކިޔުން ހުއްޓާލުމަށްފަހު، ހަޔާތަށް އާއި ބަދަލާއެކު، މިހާރު އޭނާ ދަނީ ދީނީ ދަޢުވަތު ފެތުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލީ ރަމީޒް އަކީ މިހާރު ރާއްޖޭގައި ދީނީ ދާއިރާއިން ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ.
އަލީ ރަމީޒު ވަނީ މި އަހަރުގެ ކުރީކޮޅު ”މަންފާ“ ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދާފައެވެ. މި ޖަމްއިއްޔާގެ މައިގަނޑު މަޤްޞަދަކީވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.
މިގޮތުން އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް، ދީނީ ތަފާތު ޕްރޮގްރާމްތައް ހިންގާފައެވެ.



