އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައިކަމަށެވެ.
އއ. ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، އެރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލަށް އިތުރު ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލް، ސައިންސް އަދި ކޮމްޕިއުޓަރ ލެބް، ލައިބްރަރީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށާއި މި މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ފެށި، އަވަސް ސްޕީޑެއްގައި ނިންމުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، ސިއްޙީ މަރުކަޒުގައި ފެންވަރު ރަނގަޅު ލެބޯޓްރީއަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް ޤާއިމްކުރެވި، ނަރުހުންގެ އަދަދު އިތުރުކުރައްވާނެ ކަމަށެވެ.
އިޖްތިމާޢީ ވަސީލަތްތަކުގެ ގޮތުން، ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު، އައުޓްޑޯ ޖިމް އަދި 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މީގެއިތުރުން، ގުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް ޤާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، އަސާސީ އިންފްރާސްޓްރަކްޗަރގެ ގޮތުން، މަގުހެދުމުގެ މަޝްރޫޢު ދެތިން ހަފްތާގެ ތެރޭގައި އާރުޑީސީއާ ހަވާލުކުރެވި، ބަނދަރު ނެރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ފުލުހުންގެ މަރުކަޒު ޤާއިމްކުރެވެންދެން ފުލުހުންގެ ޚިދުމަތްވެސް ފެރިދޫގައި ދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.



