ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އއ. މަތިވެރީގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާ ހަވާލުކޮށްފިއެވެ.
މި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މި ބިމުގައި މިހާރު ހިންގަމުން އަންނަނީ ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެކެވެ.
ބިން ކައުންސިލާ ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ކައުންސިލްގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު އަޞްލަމްއެވެ.
މިބިން އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައިވާއިރު އއ.މަތިވެރީގެ ރައްޔިތުންނަށް އެ ބިން ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ރައީސް ވަނީ މިިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ވިދާޅުވެފައެވެ.
އަބްދުﷲ ޖާބިރުއަށް މި ބިން ފުރަތަމަ ދޫކުރެވިފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވުން އިތުރުކޮށްދީފައެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލަށް ވަނީ ގިނަ އަދަދެއްގެ ފައިސާގެ ގެއްލުން ލިބިފައެވެ.
ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވާގޮތުގައި ކަރަންޓު ބިލާއި ކުލި ނުދައްކާ އޮތުމުގެ ސަބަބުން ދައުލަތަށް 94 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމް ޒޯންގެ ބިމުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ސަރުކާރުގެ ފަރާތުން އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.



