ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބޮޑުފޮޅުދޫއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ބޮޑުފޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބޮޑުފޮޅުދޫ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅުގެ ރަށްރަށަށް ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅުގައި، އެ އަތޮޅު ގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން އެމަނިކުފާނު މިދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަހަށެށެވެ.
އަރިއަތޮޅު އުތުރުބުރިއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.



