އއ. ބޮޑުފޮޅުދޫގައި އަންނަ އަހަރު 50 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އއ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބޮޑުފޮޅުދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެހެންކަމުން މި ސަރުކާރުން އެންމެ އިސްކަމެއްދޭނެ އެއް ދާއިރާއަކީ ހައުސިންގް މަޝްރޫތައް ހިންގުން ކަމަށެވެ.
އެހެންކަމުން މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރުން ފަށާ އައު މަޝްރޫއުތަކުގެ ތެެރޭގައިވެސް އެންމެ އިސްކަމެއް ދެނީ ގެދޮރުގެ މައްސަލައަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
”މިއަންނަ އަހަރުގެ ބަޖެޓުގައި މިރަށުގެ (ބޮޑުފުޅަދޫގެ) ހައުސިންގް މައްސަލަ / ގެދޮރު މައްސަލަ ހައްލު ކުރުމަށް 50 ހައުސިންގް ޔުނިޓް އެޅުމަށް ކަނޑައަޅައި އެ މަޝްރޫޢު ބަޖެޓުގައި ހިމަނާނަން އަދި އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު ޢަމަލީ ގޮތުން އެމަސައްކަތް ފަށައިދޭނަން“ ރައީސް ވިދާޅުވިއެވެ.
އއ. އަތޮޅަށް އިއްޔެެ ރައީސް މުޢިއްޒު ފެއްޓެވި މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުދުފުޅެކެވެ.




