އއ. މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހިގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެގޮތުން ރައީސް މުޢިއްޒު އއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަތިވެރީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދުވަނީ އަޅާފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ.
މިރަސްމިއްޔާތުގައި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި މަތިވެރިވެރި ކައުންސިލުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.06 މިލިއަން ރުފިޔާއަށެވެ. އަދި މިއީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަސައްކަތެކެވެ. މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއި، ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއި، ވެއަރ ހައުސްއެއް ބިނާކުރުމުގެ އިތުރުން ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު
ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނެއެވެ.



