ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަތިވެރިއަށް ވަޑައިގެން އެ ރަަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދޭން ވަރަށް ގިނަ ރަށްރަށުން އެދޭ ކަމަށާއި އާއިލާއާއެކު ޕިކްނިކަށް އެއްވެލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ދަތުރުދާނެ ރަށްތައް ތަރައްގީކުރަން މިހާރު ދިރާސާ ކުރިއަށްދާ ކަމަށާއި އެ ރަށްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ގެސްޓް ހައުސްތަކާއި އެކަހަލަ ކަންކަމަށް، ގެސްޓުންނަށް ޕިކްނިކް ދާން ހާއްސަ ކުރާނަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، އެކަމުގެ ދިރާސާތައް ކުރެވޭ ކަމަށާއި އެ މަސައްކަތް މި ސަރުކާރުން ނިންމާނެ ކަމަށެވެ.



