ޓޭބަލް ޓެނިސްގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓަރަންސް ބައިނަލްއަގްވާމީ މުބާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި މިއަދު ފައްޓަވައި ދެއްވައިފިއެވެ.
ޓީޓީގެ ވެޓަރަންސް ކެޓަގަރީ އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މި މުބާރާތަކީ، ޓީޓީގެ ލެޖެންޑް އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހުމަދު ލަތީފު (ސީވީޑް) އިސްކޮށް ހުންނަވައި، އޭނާގެ އާއިލީ ކްލަބް ”އިހާ އެކަޑަމީ“ އާއި ތޮއްޑޫ ކައުންސިލު ގުޅިގެން ބާއްވާ މުބާރާތެކެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް މުޢިއްޒު މިއަދު ތޮއްޑޫ އަށް ވަޑައިގެން އެ މުބާރާތް އިފުތިތާހު ކޮށްދެއްވައި އެ ހަފުލާގައި ވެސް ބައިވެރިވެ ވަޑައިގަތުމަކީ، ރާއްޖޭގެ ޓީޓީ އާއި ދިވެހި ކުޅިވަރަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެއް ކަމުގައި ސީވީޑް ލަތީފު ވިދާޅުވިއެވެ. އަދި އެއީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތަކަށް ހަދަން މަސައްކަތް ކުރައްވާ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
މި މުބާރާތުގައި 17 ގައުމަކުން 75 ކުޅުންތެރިން ވާދަކުރެ އެވެ. އުމުރުން 35 އަހަރުން ފެށިގެން 75 އަހަރާ ދެމެދު އުމުރުގެ ކުރީގެ ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެ އެވެ.



