މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށު އޯކިޑްމާގެ / އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ނަމަވެސް އެމީހުންނާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ބައެއް ޕޯސްޓުތަކުން އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާޅޮހުގެ ތިން މީހެކެވެ.
ބޮލަށް ދިން ބޮޑެތި ހަމަލާތަކަކާ ގުޅިގެން ނިޔާވި އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް މާގިނަ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި ފުލުހުން ވަނީ ތިން މީހެއްގެ ގެ ބަލައިފާސްކޮށް، އެކަކުގެ އަންނައުނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ހައްޔަރުކުރި ކަމަށް އެނގިފައި ވަނީ ވެސް މި ތިން މީހުންނެވެ.
އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ.




