ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއިން ރޭ ހައްޔަރުކުރި ޒުވާނާ ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން ރޭގައި އެ މީހާ ހައްޔަރު ކޮށްފައިވަނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ ”އެކްސް“ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ސ. ހިތަދޫ، އަތަމާވިލާ / އަލީ އާނިން މުފީދު (29އ.) ކަމަށެވެ.
ފުލުހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާ ހިލާފުވުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމާއި ކުށެއް ކުރަން އުޅުން ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރާ ދެކޮޅު ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ. އަދި މުޒާހަރާ ކުރުމުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ކުރުމަށް ބާރު އަޅައި ހިތްވަރު ދޭ އެކި ވާހަކަތައް ވެސް ލިޔެފައި ވެއެވެ.
ނަމަވެސް މިއަދު ފުލުހުން ބުނީ އާނިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.



