ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި ހާލުބެލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ 16 އަތޮޅެއްގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު އޮޅުން ފިލުވައިފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމްގެ ދަށުން ފާއިތުވީ އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ 16 އަތޮޅެއްގައި މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކޮށް ހާލު ބަލާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ ދަޢުލަތުގެ ޚާއްސަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30ވަނަ ދުވަހު، ހުޅުމާލެ ދެވަނަ ފިޔަހީގެ ހިޔާ ފްލެޓްތަކުންނެވެ.
ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯޝަލްގެ އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވީ، ”ހާލު ކިހިނެއް؟“ ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ފާހަގަކުރެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ރާއްޖޭގެ 4 އަތޮޅު ފިޔަވާ އެހެން ހުރިހާ ރަށެއްގައި މިޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވާކަމަށް ލަހުފާ ވިދާޅުވިއެވެ.



