ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އުތީމުގައެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00ގައެވެ. އެ ޖަލްސާގައި އުތީމު ގަނޑުވަރު ބެެލެހެއްޓުމުގައި ކުރި މަސައްކަތަށް، ރަށުގެ ރައްޔިތުންނަށް ޚާއްސަ ޝަރަފެއް އަރުވަން ވެސް ވަނީ ނިންމާފައެވެ.
ރައީސް މުޢިއްޒު އުތީމަށް ފުރާވަޑައިގެންފައި މިވަނީ، ޤައުމީ ދުވަހާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހުގައެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުންގެ އިތުރުން ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.




