ޤައުމީ ޝަރަފުގެ އައްޑަނަ އުތީމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.
މި އައްޑަނަ ރައީސް މުޢިއްޒު އަރުވައިދެއްވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް އެމަނިކުފާނު މިއަދު ކުރައްވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުތީމުގެ ރައްޔިތުންނަށް މި ޝަރަފުގެ އައްޑަނަ އަރުވާފައިވަނީ، ދިވެހިންގެ އެއް ފަޚުރު ކަމަށްވާ ”އުތީމު ގަނޑުވަރު“ ބެލެހެއްޓުމުގައި އެ ރަށުގެ ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މި ސަރުކާރުން ވަޒަންކުރުމުގެ ގޮތުންނެވެ.
ޤައުމީ ޝަރަފުގެ އައްޑަނަ އުތީމުގެ ރައްޔިތުންނަށް އަރުވައިދެއްވީ ރައީސް މުޢިއްޒުއެވެ. އަދި މި ޝަރަފާއި އުތީމު ރައްޔިތުންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުއެވެ.
ގާތްގަނޑަކަށް 500 އެއްހާ އަހަރު ފުރިފައިވާ އުތީމު ގަނޑުވަރަކީ، މުޅި ރާއްޖެ އެބޭފުޅަކަށް ފަޚުރުވެެރިވާ ޤައުމު އަލް-ސުލްތާން އަލް-ޣާޒީ މުޙައްމަދު ތަކުރުފާނު، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަ ގެކޮޅެވެ.



