ޤައުމަށްޓަކައި އީމާންތެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން، އެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އިހްލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީ އާއެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައެވެ.
”ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއް. އެފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ. އަދި ކޮންމެ ދިވެއްސަކީވެސް، ޤައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭ. ތަރައްޤީވެފައިވާ، އަމާން އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އަޅުގަނޑުމެން ދިވެހީންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވަނީ، ހަޤީޤީ ޤައުމިއްޔަތަކީ ކޮބައިކަމާއި، ޤައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.
ޤައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާއި ނަމަވެސް ހަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިތުގައި ޤައުމިއްޔަތު ޢާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި ރައީސް ސިފަކުރެއްވިއެވެ. މި ކަމުގައި އަދުގެ ޒުވާނުންގެ މައްޗަށް އޮތް ޒިންމާތަކަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވި، އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް ޢަބްދުއްރަޙްމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި، އެ ބޭފުޅާގެ ޚިދުމަތަށްވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.




