ހއ. އުތީމުގެ ރީތި ގޮނޑުދޮށް ބިކިނީ ހެދުންތަކުން ލަދުގަންނަވާލަން ދުވަހަކުވެސް ތާއީދެއް ނުކުރައްވާނެ ކަމަށް މިއަދު ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގަތް، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހާ ގުޅިގެން މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމްބެ ވިދާޅުވީ ޒަމާން ބަދަލުވެއްޖެ ކަމަށާއި އެގޮތުން، ކަނޑުމަގުން ކުރި ދަތުރުތައް ވައިގެ މަގަށް ބަދަލުވުމާއި ރިޔަލު ދޯނީގައި ކުރި ދަތުރުތައް ހައިސްޕީޑް ލޯންޗަށް ވެސް ބަދަލުވެއްޖެ ކަމަށެވެ.
ނަމަވެސް ޒަމާނަށް އައި ބަދަލާއެކުވެސް، އިސްލާމީ ރިވެތި އުސޫލުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވެ އާދަމްބެ ވިދާޅުވީ، ރިވެތި އުސޫލުތަކުގެ މަގުން ހިނގޭނީ އަސާސްތައް ހަރުދަނާކޮށްގެން ކަމަށެވެ.
އާދަމްބެ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ އުތީމު އުތީމުގެ ގޮތުގައި ބާއްވަން ކަމަށާއި އެ ރަށުގެ ޒުވާނުން ބޭނުންވަނީ ރަށުގެ މަގުތައް ރީތިކޮށް ހަދައި، ގެސްޓްހައުސްތަކުގެ ވިޔަފާރިއާ ދިމާލަށް ދިއުމަށް ކަމަށެވެ.
”އަޅުގަނޑު ފަހަރެއްގައި ވެސް އުތީމު ތުނޑީގެ ތާހިރު ދޮން ވެލިގަނޑާއި އެ ތަނާ ގުޅިފައި އޮތް އަލި ރަހަފޮދެއް ފަދަ ފެހިކުލައިގެ މޫދު ބިކިނީ ހެދުންތަކުން ލަދުގަންނަވާލާކަށެއް ތާއީދެއް ނުކުރާނަން. ފަހަރެއްގައި ވެސް އަޅުގަނޑުމެން ދިރިއުޅޭ ވެށީގައި މައުސޫމް ޅަދަރިންގެ ކުރިމަތީގައި އަޅުގަނޑުމެންގެ އިހުތިރާމު ލިބިގެންވާ މައިންބަފައިންގެ ކުރިމަތީގައި ޣައިރު މުސްލިމުންގެ ނޭވާތަކުން އެ ވެށި ތަޣައްޔަރުކުރާކަށް ވެސް އަޅުގަނޑު އެއްބަހެއް ނުވާނަން“ އުތީމު އާދަމްބެ ވިދާޅުވިއެވެ.
މީގެއިތުރުން އުތީމުގެ ބީޗް ސަރަހައްދުން ބިކިނީ ލައިގެން މީހުން ތިބެން ތާއީދުނުކުރައްވާ ކަމަށާއި ރަށުގައި ދިރިއުޅޭ ކުޑަކުދިންގެ ކުރިމަތީގައި އެ މަންޒަރު ފެނި އިސްލާމްދީނާ ބީރައްޓެހި އާދަކާދަތަކުން ރަށް ”ތަޣައްޔަރުކުރަން“ ބޭނުންނުވާ ކަމަށެވެ.
ނަމަވެސް އުތީމުގެ ޒުވާނުން ސައިކަލު ދުއްވާނެ ތަނަކާއި ގެސްޓްހައުސް އަޅާނެ ބިން ބޭނުންވާ ކަމަށް އާދަމްބެ ވެސް އެއްބަސްވިއެވެ.
އެގޮތުން އުތީމުގެ ކައިރީގައި ފިނޮޅުތައް އެބަހުރިކަން ފާހަގަކުރައްވާ އާދަމްބެ ވިދާޅުވީ އޭގެން ފިނޮޅެއް ރަށަކަށް ބަދަލުކޮށްލައި ޒުވާނުންނަށް ދީފިނަމަ، އެތަނުގައި ގެސްޓްހައުސް އަޅައި ވިޔަފާރިކޮށް ޑޮލަރު ހޯދާނެ ކަމަށާއި އޭގެ ފައިދާ އެ ޒުވާނުންގެ ދިރިއުޅުމަށް ކުރާނެ ކަމަށެވެ.




