ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި، އޮސްޓްރޭލިޔާގެ އެކި ސަރަޙައްދުތަކުގައި އެތައް ހާސް މީހުން އެއްވެ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ދެކޮޅަށް އަޑުއުފުލައިފިއެވެ.
ޕަލަސްޓީނިއަން އެކްޝަން ގުރޫޕުން ބުނީ، އޮސްޓްރޭލިޔާގެ އެކި ސަރަޙައްދުތަކުގައި 40 އަށް ވުރެ ގިނަ އެއްވުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ސިޑްނީ، މެލްބަން އަދި ބްރިޒްބަންގައި ބޭއްވި އެއްވުންތަކުގައި 350،000 އެއްހާ މީހުން ބައިވެރިވެފައިވާކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.
މި އެއްވުންތަކުގައި ބައިވެރިވި ފަރާތްތަކުން ވަނީ، ފަލަސްޠީނުގެ ޣައްޒާ ސަރަޙައްދުގައި ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާއި ނަސްލު ހޭދަކުރުން ވަގުތުން ހުއްޓައިލުމަށް ގޮވާލައިފައެވެ. އަދި ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި އެއްވުންތައް ބާއްވާފައިވަނީ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަން އޮސްޓްރޭލިޔާއިން ނިންމި ނިންމުމާމެދު ޔަހޫދީން ހިތްހަމަނުޖެހި، ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް މި މަހުގެ 11 ވަނަ ދުވަހު އިޢުލާނުކުރެއްވި ގޮތުގައި، އަންނަ މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އޮސްޓްރޭލިޔާއިން ރަސްމީކޮށް ބަލައިގަންނާނެއެވެ. މި ނިންމުމަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ބާރު އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިޔާގެ އިތުރުން، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ، އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ކުރިން ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ނުހުއްޓައިފިނަމަ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން ނިރުބަވެރި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ހަރުކަށި އިބާރާތުން ފާޑުކިޔައިފައެވެ.



