ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ހާލު ގޯސްވެގެން އައިސީޔޫއަށް ބަދަލުކުރަން ޖެހުނީ ކޯޓުގައި ގިނަ ވަގުތު ހޭދަކުރަން ޖެހި، ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ކަމަށް އޭނާއަށް ފަރުވާދޭ ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.
ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރެވުނު ރަނިލްގެ ހާލު ދެރަވުމާ ގުޅިގެން، އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ޖަލު ހޮސްޕިޓަލުގައެވެ.
ނަމަވެސް އިތުރު ފަރުވާ ބޭނުންވުމާ ގުޅިގެން ރަނިލް ވަނީ އިއްޔެ ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، އެތަނުގެ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ނޭޝަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ރުކްޝާން ބެލާނާ ވިދާޅުވި ގޮތުގައި ރަނިލްގެ ހާލު ގޯސްވެފައިވަނީ ޑީހައިޑްރޭޝަންގެ ސަބަބުންނެވެ.
”ރަނގަޅަށް ފަރުވާ ނުދެވިއްޖެނަމަ، ހިތަށް ނުވަތަ ކިޑްނީއަށް ގެއްލުންވެ އިތުރަށް ހާލަތު ގޯސްވެދާނެ.“ ޑރ. ރުކްޝާން ވިދާޅުވިއެވެ.
ރަނިލްގެ ހާލު މިހާ ދެރަވީ ފެނާއި ކާބޯތަކެތި ނުލިބި، އަދި އޭސީވެސް ނެތް ކޯޓު މާހައުލެއްގައި 10 ގަޑިއިރު ހޭދަކުރަން ޖެހުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބެލެވޭ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އައިސީޔޫގައި އޮތުމާއެކު އަންނަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވުމަކީ ނުވާނެ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރަނިލްގެ ހާލު ރަނގަޅުވާނެ ކަމަށް ޑރ. ރުކްޝާން ލަފާކުރައްވާ ކަމަށް ވިދާޅުވިއެވެ.



