ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތް ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ފައްޓަވާގައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަކުނުދޫއަށް މިއަދު ވަޑައިގެންފިއެވެ.
އެމަނިކުފާނު މަކުނުދޫއަށް ވަޑައިގަތުމުން އެ ރަަށުގެ ކައުންސިލު މެންބަރުންނާއި ސަރުކާރު އިސް މަގާމުތަކުގެ ބޭފުޅުންގެ އިތުރުން އެ ރަށުގެ ކުދިބޮޑު ގިނަ ރައްޔިތުންނެއް ވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން މި ދަތުތުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
ހދ. އަތޮޅަށް ރައީސް މުޢިއްޒު ފެއްޓެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ތާވަލު ކުރެވުނެވެ. އެއީ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއެވެ.
މީގެތެރެއިން މިހާރު އެމަނިކުފާނު ވަނީ ހިރިމަރަދޫ، ފިނޭ، ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ، ނޮޅިވަރަން އަދި ނޮޅިވަރަންފަރު އަދި މިހާރު މަކުނުދޫއަށް ޒިޔާރަތް ކުރައްވާފައެވެ.


