ދިވެހި ވިޔަފާރިވެރިޔާ އަބްދުލް ޣަނީ (ކެރަފާ އަބްދުލްޣަނީ) އިއްޔެ އަވަހާރަ ވެއްޖެއެވެ.
އޭނާ އަވަހާރަވީއިރު އުމުރުން 86 އަހަރެވެ.
އެނގިފައިވާ ގޮތުގައި ކެރަފާ އަބްދުލްޣަނީ އަވަހާރަވެފައިވަނީ ސިއްހީ ގޮތުން ހާލު ދެރަވެގެން ގިނަ ދުވަސްތަކެއްވުމަށްފަހު، ތައިލެންޑުގެ ބެންކޮކްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކެރަފާ އަބްދުލްޣަނީ އަކީ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުނި، ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރެވެ.
މީގެއިތުރުން ރާއްޖޭގައި ފުރަތަމަ އިންޖީނުގެ އުފެއްދުމުގެ އިސް ދައުރެއް އޭނާ އަދާކުރެއްވިއެވެ. އަދި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު އުފެއްދުމުގައި ވެސް އިސް ދައުރެެއް އަދާކުރެއްވިއެވެ.
ކެރަފާ އަބްދުލްޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅެއް ވެސް މެއެވެ. އޭނާއަކީ ރައީސް ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމާފުޅާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
އަބްދުލްޣަނީ އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ބޮޑުބޭބޭފުޅަކީ ރާއްޖޭގައި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.




