ޓިކްޓޮކްގައި ކުޑައަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވް އެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން ތުހުމަތު ކުރެވުނު މީހާ ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި މިދިޔަ ހުކުރު ދުވަހު އާންމުކޮށްފަ އެވެ. އެ ކުއްޖާގެ ފޮޓޯ އާންމުކޮށް ވިއްކާލާނެ ކަމަށް އެ މީހާ ޖެހީ، ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައިކަން ވެސް ވަނީ އެނގިފައެވެ.
މި މައްސަލަ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.




