ހިޔާނާތުގެ މައްސަލައެއްގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހާ، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފި އެވެ.
ކޮލޮމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ކަފާލާތުގެ ދަށުން ރަނިލް ދޫކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ދެރަވެފައިވާތީ އެވެ.
76 އަހަރުގެ ރަނިލް މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގައެވެ. މިއަދު ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވީ ޒޫމް މެދުވެރިކޮށެވެ. އަދި މި މައްސަލައިގެ ދެން އޮތް އަޑުއެހުން އޮންނާނެ ކަމަށް ވަނީ އަންނަ އޮކްޓޫބަރު 29 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ރަނިލްއާ މެދު ތަހުގީގު ކުރަމުންދަނީ، އޭނާ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫނެވެ. ނަމަވެސް މި ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން 16.9 މިލިއަން ރުޕީސް ހަރަދުކޮށްފައިވާ ކަމަށް ސީއައިޑީގެ ތަހުގީގުން ދައްކައެވެ. އަދި މި ދަތުރުފުޅުގައި ރަނިލްގެ އިތުރުން އިތުރު 10 މީހަކު ބައިވެރިކޮށްފައިވާ ކަމަށްވެސް ތަހުގީގުން ހާމަވެފައިވެއެވެ.
މި މައްސަލައިގައި ރަނިލް ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުން ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށް ސީއައިޑީން ބުނެފައިވެއެވެ.




