ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގުލޫ، އެ ގައުމުގެ ހައިވޭއެއްގައި ބާރަށް ދުއްވި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެން ޖޫރިމަނާކޮށްފައެވެ.
މިނިސްޓަރު އެކްސްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ މިނިސްޓަރު ލަވަޖަހަމުން އަދި ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ތަގުރީރުތަކުގެ ކްލިޕްތައް ޖަހަމުން ދުއްވަމުންދާ މަންޒަރެވެ.
މި ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާގެ ވެހިކަލްގެ ސްޕީޑް މީޓަރުން ދައްކަނީ ގަޑިއަކު 190 އާއި 225 ކިލޯމީޓަރާ ދެމެދުގެ ސްޕީޑެކެވެ. އެހެންނަމަވެސް ތުރުކީގެ ހައިވޭތަކުގައި އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ ގަޑިއަކު 140 ކިލޯމީޓަރަށެވެ.
މި ވީޑިއޯތައް ޕޯސްޓްކުރުމަށްފަހު ގަޑިއިރުތަކެއް ފަހުން، މިނިސްޓަރު ވަނީ އަމިއްލައަށް ”ލަނޑު ލިބިއްޖެ” ކަމަށް ބުނެ، ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުން ޖޫރިމަނާކުރި ކަން ހާމަކޮށްފައެވެ.
”އަންކާރާ-ނިގްޑޭ ހައިވޭގެ ގޮތް ބަލައިލަން ދުއްވި ދުއްވުމުގައި ކުޑަ ހިނދުކޮޅަކަށް ސްޕީޑް ލިމިޓަށް ވުރެ މައްޗަށް ދިޔައީ. ޕޯސްޓްކުރެވިފައި ހުރި ވީޑިއޯތަކާ ހެދި އަމިއްލައަށް މިކަމުގައި ބެދިއްޖެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހިއްސާކުރި ޕެނަލްޓީ ނޯޓިސްގައިވާ ގޮތުން، ގަޑިއަކު 225 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވުމުގެ އަދަބެއްގެ ގޮތުން 9،267 ތުރުކީ ލީރާ (225 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ފަހުން މިކަމަށް އިތުރަށް ސަމާލުކަން ދޭނެ ކަމަށާއި ސްޕީޑް ލިމިޓަށް ހުރުމަތްތެރިކޮށް ހިތުމަކީ އެންމެންނަށް ވެސް އޮތް ވާޖިބެއް ކަމަށެވެ.




