ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށާއި، ފިތުނަ އުފެއްދުމަށް މިހާރު ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އޭލެވެލް ފީ އާ ގުޅޭގޮތުން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެއީ ވާނުވާ ނޭނގި ލިޔެފައިވާ ސިޔާސީ އާޓިކަލެއް ކަމަށާއި، އުސޫލު ރަނގަޅަށް ކިޔާފައިނުވާތީ ނުވަތަ ގަސްތުގައި އޮޅުވާލައި ފިތުނަ އުފެއްދުމުގެ މަގްސަދުގައި ކުރިކަމެއް ކަމަށެވެ.
އެ ހަބަރުގައި އެ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާންއާ ހަވާލާދީ ވިދާޅުވެފައިވަނީ އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލަކީ ބެލެނިވެރިން އެ ބަދަލަކަށް ތައްޔާރުނުވެ ތިއްބައި އައި މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ގެންނަ ބޮޑެތި ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ލިބިފައިވެއެވެ. އެހެންކަމުން، ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށް ދާ ކުދިންގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫނެވެ.
މިނިސްޓަރު ވިދާޅުވީ، ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
އެގޮތަށް އެކަން ކުރާނަމަ، ގްރޭޑް 1 އިން ފެށިގެން 10 އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުދިންނަށް ވެސް ފީ ދައްކަން ޖެހޭނެ ކަމަށާއި، މީގެ ސަބަބުން އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑިގެން ދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި އެ މިނިސްޓްރީން ފީ ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އޮންނަނީ އެއް ދީނެއް، އެއް ސަގާފަތެއް ކަމަށާއި، ކިޔަވައިދެނީ އެއް ކަރިކިއުލަމަކަށް ކަމަށާއި އަދި ހުރިހާ ކުދިން ވެސް ހަދަނީ އެއް އިމްތިހާނެކެވެ.
ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިއާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީ ދެމުންދިޔަޔަސް، ރާއްޖޭގައި އެފަދަ ހާލަތެއް ނެތްކަން މިނިސްޓަރު ވިދާޅުވިއެވެ.




