ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން ނިޔާވެފައި އޮތްވާ ފެނުނު މީހަކީ ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް މީހާ ކަމަށް ފުލުހުން ބުނެފިއެވެ.
ވޯޓާ ޕާކް ތެރެއިން އޭނާ ފެނިފައިވަނީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. އެއާއި އެކީ ފުލުހުން އެސަރަހައްދު ބަންދުކޮށް، އެއީ ކާކުތޯ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެމީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ އެއްކޮށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުުން މިރޭ ބުނީ، އެ ސަރަހައްދުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ، 2025 އޯގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ނެޕާލަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރު (29އ) ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން، ރުޕަން ތަޕާ މަގަރު ނިޔާވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



