މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު 16:45 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.
އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް މެޓުން ނެރެފައިވެއެވެ. އެ ސަމާލު ނެރުނީ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މެޓުން އިލްތިމާސްކުރެއެވެ.


