އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
އެ ހަރަކާތް މި އަހަރު ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ. މި ހަރަކާތުގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.
މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކުން ބައިވެރިވާއިރު, ވޮލަންޓިއަރުންގެ ގޮތުގައި 400 އެއްހާ ފަރާތުން ބައިވެރިވާނެއެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ އެކްސްކޯ އަދި ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އެފެކްސްގެ ޕާޓްނަރު އެޖެންސީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުނީގެހައިސިއްޔަތުން އެއާޕޯޓްބޭނުންކުރާ ފަސިންޖަރުންނާއިއެއާލައިންތަކާއި އަދި އެއާޕޯޓުގައިމަސައްކަތްކުރާ ހުރިހާމުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީއެމްއޭސީއެލްގެ އެންމެ އިސް ވާޖިބު ކަމަށެވެ.
އެފެކްސްގެ ޕްލޭނިންގައި ހުރިހާ އިދާރާއަކާއި މުއައްސަސާއަކުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ސީއީއޯ ޝަރީފު ވިދާޅުވީ, ހުރިހާ އިދާރާއަކާއި މުއައްސަސާތަކުން ދެއްވަމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމެއް ކަމަށެވެ.
”ފާއިތުވެދިޔަ ތަނުގެ ތަޖުރިބާތަކުގެ އަލީގައި މި އަހަރުގެ އެފެކްސް ކުރިއަށްވުރެ ފުރިހަމައަށް ގެންދެވޭނެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑުމެންގެ ކޮންމެ ސްޓޭކްހޯލްޑަރަކީ ކޮން ޒިންމާތަކެއް އަދާކުރާ ބައެއްކަން މި އަހަރުގެ އެފެކްސް އިން އަމަލީ ގޮތުން ދައްކަންޖެހޭ. އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ނުގެއްލޭ ގޮތަށް މިކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް.“ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެފެކްސްގެ ޕާޓްނަރު އެޖެންސީތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (އެމްނެޓްސް), މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް), ދިވެހި ފުލުހުންގެ ހިދުމަތް, ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ), އެއާލައިން އޮޕަރޭޓާސް ކޮމިޓީ, މޯލްޑިވްސް އިމިގްރޭޝަން, ސިއްހީ ވުޒާރާ, އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް), ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ), މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ), ފަތުރުވެރިކަމާއި ބެހޭ ވުޒާރާ, މޯލްޑިވްސް ކަސްޓަމްސް ސާވިސް, މިނިސްޓްރީ އޮފް ފޮރިން އެފެއާޒް, މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް, އޭޑީކޭ ހޮސްޕިޓަލް, އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް ޓީއެމްއޭ, މަންޓާ އެއާ, އައިލެންޑް އޭވިއޭޝަން ސާވިސް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބައިވެރިވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެއާޕޯޓް އެމަޖެންސީ ޕްލޭނިން ޓީމުގެ ފަރާތުން ވަނީ އެފެކްސްގައި ހާސިލުކުރަން ބޭނުންވާ އަމާޒުތައް ޕާޓްނަރު އެޖެންސީތަކާ ހިއްސާކޮށްފައެވެ. އޭގެ އިތުރުން ގަތަރު އެއާވޭސްގެ ފަރާތުންނާއި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ އިތުރުން ފުލުހުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރެވެ.



