ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވަނީ ހއ. އިން ފެށިގެން ށ. އަތޮޅަށް މިރޭ މެންދަމު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. މި ވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އަދި ށ. އަތޮޅުން ފެށިގެން މ. އަތޮޅަށް މެންދަމު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މާދަމާ އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން، މިއަދަކީ ހުޅަނގު މޫސުމުގެ ފުރަ ނަކަތުން ފަސްވަނަ ދުވަސް ކަމަށްވާއިރު، މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ.
ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



