ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެންނެވުމުގެ ފުރުޞަތު ފަލަސްޠީންގެ ރައީސް މަޙްމޫދު ޢައްބާހަށް ނުދޭނެ ކަން އެމެރިކާއިން ހާމަކޮށްފިއެވެ.
މިއީ ހުޅަނގުގެ ބައެއް ބާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމާ ގުޅިގެން އެކަމާމެދު ހިތްހަމަނުޖެހިގެން ނިންމި ނިންމުމެކެވެ.
1947 ވަނަ އަހަރު އެކުލަވާލެވުނު އދ. ގެ މައި އިދާރާގެ ބާރުތަކާ ބެހޭ އެއްބަސްވުމުގެ ދަށުން، އދ. ގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވެރިންނަށް އެމެރިކާއިން ވިސާ ދޫކުރަންޖެހެއެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތު އަދި ނިރުބަވެރިކަމާ ގުޅޭ މައްސަލަތަކުގައި ވިސާ ދޫނުކުރުމުގެ އިޚްތިޔާރު އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.
މި ޖަލްސާގައި ފަލަސްޠީނުގެ މިނިވަންކަމާ ގުޅޭ މުހިންމު ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ވަނީ ފަލަސްޠީނުގެ މިނިވަންކަން ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައެވެ.
މިކަމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ރައީސް ޓްރަމްޕް ބަލައިގަންނަ ކަމެއް ނޫނެވެ.
މި ނިންމުމާ ގުޅިގެން ފަލަސްޠީނުގެ އިސް ތަރުޖަމާނު ނަބީލް އަބޫ ރުދަޔިނާ ވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ، އެމެރިކާއަށް މި ނިންމުން މުރާޖަޢާކުރުމަށް ގޮވާލާފައެވެ. އަދި ވިލާތުގެ އިއްތިޙާދުގެ ބައެއް މެންބަރު ޤައުމުތަކުން ވެސް ވަނީ މިކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ޢައްބާހާއި ފަލަސްޠީނުގެ ވަފުދަށް ވިސާ ދޫނުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމުން ގުޅެނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.




