ރާއްޖޭގެ ޤައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ދެއްވައިފިއެވެ.
ޗަައިނާގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ އެ ޤައުމަށް ވަޑައިގެން، މިއަދު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ލީޑަރުންގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
އެގޮތުން ދެ ރައީސުންގެ ދެމެދުގައި މަޝްވަރާކުރެއްވި މުހިންމު ދާއިރާތަކުގެ ތެރޭގައި، އިގުތިސާދު، ވިޔަފާރި، އިންވެސްޓުމަންޓު އަދި ސަލާމަތާއި ރައްކާތެރިކަން ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވި ކަމަށެވެ.
މީގެއިތުރުން ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024–2028) ގެ ދަށުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދެ ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.




