ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މިންވަރު 9.2 އިންސައްތައިން އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި މަހުގެ 1 އިން 27 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮގަސްޓު މަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. އެ ދުވަހު 7177 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު 214،863 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިގޮތުން އެ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 7،646 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ ލ އަހަރުގެ އެޕްރިލް މަހާއި އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު 17.8 އިންސައްތަ އިތުރުކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.



