ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މި ކިއު ލައިވް ކުރުމާއެކު، ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރެވޭނީ ހަމައެކަނި ކިޔުގެ ތެރެއިން ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މި އައު ބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް އަވަސްވެ، އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަލުވިވެގެންދާނެއެވެ.
ކިޔުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓްގައިވާ ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް https://port.mv/downloads/ ސެޕްޓެމްބަރު 3 ގެ ކުރިން ފުރިހަމަކޮށް ހުށަހެޅުމަށް އެމްޕީއެލްއިން އެދިފައިވެއެވެ.
ފޯމު ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން info@port.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރަށް ސީދާ ހުށަހެޅިދާނެއެވެ.
މާލެ ކޮމާޝަލް ހާބަރު (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އިތުރު ލިޔެކިޔުމެއްގެ ގޮތުގައި އެމްސީއެޗް ކިޔުއިން ވަކިކޮށް ދިނުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
ކިޔުގައި ބައިވެރިވުމަށް އެމްޕީއެލްއިން ވަނީ އިތުރު ޝަރުތުތަކެއް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތަކީ އެމްސީއެޗް ކިޔު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުމާއި، ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަނުވުމާއި، ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވުން ހިމެނެއެވެ.
އަދި ވެހިކަލްއަކީ އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްޗަކަށްވުމާއެކު، ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތައް ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.




