ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން ދެ ކުންފުންޏަކާ ހަވާލުކޮށް، އެތަނުގެ އަމަލީ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީއާއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ ރަސްފަންނުގެ ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށެވެ.
އަދި އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްފައިވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. އެގޮތުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނާބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ. އެކަމަށް ބޭނުންވާ ބިން މިހާރު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.



