މަދުވެގެން 10 އަހަރުގެ މުއްދަތަށް، ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމުގެ ޕްލޭނަކާ މެދު އެމެރިކާ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވޮޝިންޓަން ޕޯސްޓް އިން މިއަދު ހާމަކޮށްފިއެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި ޣައްޒާ އޮތީ ބިމާ ހަމަވެފައެވެ. އަދި އެތަނުގެ ދެ މިލިއަނެއްހާ މީހުންގެ އާބާދީ ވަނީ ވިއްސިވިހާލިވެފައެވެ. މި ހާލަތުގައި، އެމެރިކާއިން ވިސްނަމުންދަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވެސް ވިސްނުން ގެންގުޅުއްވި ގޮތަށް ޣައްޒާ އަކީ ޓޫރިޒަމާއި ހައިޓެކްގެ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ.
މިކަމާ ގުޅޭ 38 ސަފުހާގެ ލިޔުމެއްގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ޣައްޒާގެ އާބާދީ ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. މިކަން ކުރާނީ މީހުން އަމިއްލައަށް ބޭނުންވެގެން އެތަނުން ދިއުމަށް ނުވަތަ އެހެން ގައުމުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްގެން ނުވަތަ ޣައްޒާ ތެރޭގައި ހާއްސަ ޒޯންތަކެއް ކަނޑައަޅައިގެންނެވެ.
އައު ޕްލޭންގެ ދަށުން، ބިން ހުރި ފަރާތްތަކަށް ”ޣައްޒާ ރީކޮންސްޓްރަކްޝަން، އިކޮނޮމިކް އެކްސެލެރޭޝަން އެންޑް ޓްރާންސްފޯމޭޝަން ޓްރަސްޓް“ ނުވަތަ ”ގްރޭޓް ޓްރަސްޓް“ ގެ ނަމުގައި ޑިޖިޓަލް ޓޯކަންތަކެއް ދޫކުރެވޭނެއެވެ. މި ޓޯކަން ބޭނުންކޮށްގެން އެހެން ތަނެއްގައި އައު ދިރިއުޅުމެއް ފެށުމުގެ ނުވަތަ ތަރައްގީކުރަން ހަމަޖެހިފައިވާ ”އޭއައި ޕަވާޑް، ސްމާޓް ސިޓީ“ ގެ 6-8 ސިޓީން އެޕާޓްމަންޓެއް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހުށަހެޅުމަށް ހަމާސްއިން ވަނީ ހަރުކަށި އިބާރާތުން ދެކޮޅުހަދާފައެވެ. ޣައްޒާ އަކީ ވިއްކާ ތަނެއް ނޫން ކަމަށް ހަމާސްއިން ބުނެފައިވާއިރު، ޣައްޒާ އަކީ ފަލަސްތީނާ ވަކި ނުކުރެވޭނެ ބައެއްކަން ވެސް އެ ޖަމާޢަތުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.


