އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގެ އިހުސާސް 1.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރެވުނު ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މިއަދު ހާމަކޮށްފިއެވެ.
ޔޫއެސްޖީއެސްއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އިރުމަތީގެ ނަންގަރްހާރާއި ކުނާރު ޕްރޮވިންސަށް 6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ބިންހެލުން އައިސްފައިވަނީ އަށް ކިލޯމީޓަރު (ފަސް މޭލު) އަޑިންނެވެ.
އަދި ފުރަތަމަ ބިންހެލުން އައިތާ 20 މިނެޓު ފަހުން، ނަންގަރްހާރު ޕްރޮވިންސްގެ ބަސަވުލްގެ އުތުރުން 4.5 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސްފައިވެއެވެ.
މި ހާދިސާގައި މިހާތަނަށް 800 މީހުން މަރުވެ، 2500 މީހުން ޒަހަމްވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ތަރުޖަމާނު ޝަރަފަތު ޒަމާން ވިދާޅުވި ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ބިންހެލުމާ ގުޅިގެން ބައެއް ރަށްތައް ވަނީ މުޅިން ހަލާކުވެފައެވެ.
އަފްޣާނިސްތާނުގެ ފަސް ޕްރޮވިންސަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ޕާކިސްތާނާއި އިންޑިއާއަށްވެސް ވަނީ ބިންހެލުންތައް އިހުސާސްކޮށްފައެވެ. ޔޫއެސްޖީއެސްއިން ފާހަގަކުރި ގޮތުގައި 1.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބާރުގަދަ ނުވަތަ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ.
އަފްޣާނިސްތާނަކީ އާއްމުކޮށް ބިންހެލުން އަންނަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



