ފުވައްމުލަކު ސިޓީގެ އެއާޕޯޓް މިއަދު ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން، އެ އެއާޕޯޓަށް ދަތުރުކުރާ ފްލައިޓުތަކުގެ ޝެޑިއުލަށް ބުރޫއަރައިފިއެވެ.
ފުވައްމުލަކަށް ފްލައިޓު އޮޕަރޭޓު ކުރާ ހަމައެކަނި އެއާލައިން މޯލްޑިވިއަނުން މިއަދު ބުނީ، އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާތީ ފުވައްމުލަކުގެ ޝެޑިއުލް ދަތުރުތަކަށް ބުރޫއަރާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކު އެއާޕޯޓް ވަގުތީ ގޮތުން ބަންދު ކޮށްފައިވަނީ ފަޔަރ ލޮރީއަށް މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ.
ނަމަވެސް މޯލްޑިވިއަނުން ބުނީ މިކަމުގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް ގުޅައި އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
އެގޮތުން މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ގުޅައި، ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައިވާ ކަމަށާއި ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ މޯލްޑިވިއަންގެ ކޯލް ސެންޓަރު ނަންބަރު 1671 އަށް ގުޅުމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.



