އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އިއްޔެ ރޭ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،411 އަށް އަރައިފިއެވެ.
އަފްޣާނިސްތާނަށް އިއްޔެ މެންދުރާއި ހަމައަށް ހަތް ބިންހެލުން އައިސްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އައި 6.3 މެގްނިޓިއުޑްގެ ބިންހެލުމަށް ފަހު، 5.0 މެގްނިޓިއުޑްގެ ތިން ބިންހެލުމަކާއި، 4.7، 4.3 އަދި 4.2 މެގްނިޓިއުޑްގެ ބިންހެލުންތައް ވަނީ އައިސްފައެވެ.
ބިންހެލުން އައިސްފައިވާ ކުނާރު އަދި ނަންގަހާރަކީ ފަރުބަދަ މަތީ ސަރަހައްދުތަކަކަށް ވުމުން، އެ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ނަމަވެސް، މީހުން ސަލާމަތްކުރުމަށްޓަކައި ގިނަ އަދަދެއްގެ ހެލިކޮޕްޓަރުތަކާއި ޑޮކްޓަރުން ވަނީ އެ ސަރަހައްދުތަކަށް ފޮނުވާފައެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވި ގޮތުގައި މި ބިންހެލުމުގައި 3،124 މީހަކަށް އެކިވަރުގެ އަނިޔާ ލިބި، 5،400 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވެއެވެ.
މިއީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނަށް އައި ތިން ވަނައަށް އެންމެ ބޮޑު ބިންހެލުމެވެ.



