މި މަހު އދ. ގެ އާންމު މަޖިލީހުގައި ބެލްޖިއަމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފި އެވެ.
ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ.ގެ ބައްދަލުވުމުގައި ބެލްޖިއަމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށާއި އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މިދިޔަ ޖުލައި މަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ މި މަހުގެ 9 އިން 23 އަށް ނިއު ޔޯކްގައި ބާއްވަން ހަމަޖެހިފައިވާ އދ.ގެ ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތެއް ފްރާންސުން ބަލައިގަންނާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރަން އޭނާ އެދިވަޑައިގެންފައިވެ އެވެ.
އދ.ގެ 193 މެންބަރުންގެ ތެރެއިން މިހާރު 147 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވާއިރު، މިދިޔަ މަހު އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައިވެ އެވެ. ހަމައެހެންމެ ކެނެޑާއިން ވެސް މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އިނގިރޭސި ވިލާތުން ވަނީ ޣައްޒާގައި އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާނުލައިފި ނަމަ އެ ގައުމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ ދެ އަހަރު ވާން ކައިރިވެފައިވާއިރު، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 70،000 އާ ގާތްކުރެ އެވެ.
އަދި ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން ޝަހީދުވާ ކުޑަކުދިންނާއި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
.


