ސޫދާންގެ ހުޅަނގު ސަރަހައްދުގައި ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން، ފަރުބަދަ މަތީ ސަރަހައްދެއްގެ ބިންގަނޑު ކެނޑި، 1,000އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ސޫދާން ލިބެރޭޝަން މޫވްމަންޓް/އާމީ (އެސްއެލްއެމް/އޭ)އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އެހީތެރިކަމަށް އެ ޖަމާޢަތުން ވަނީ ގޮވާލާފައެވެ.
މި ހާދިސާގައި ޖަބަލު މުއްރަތު ސަރަހައްދުގައި އޮންނަ ތާރްސީން އަވަށް ވަނީ މުޅިން ސުންނާފަތިވެފައެވެ.
އެސްއެލްއެމް/އޭގެ ވެރިޔާ ޢަބްދު އަލް-ވާޙިދް މުޙައްމަދު ނޫރު ވިދާޅުވި ގޮތުގައި، މި ފަދަ ނުރައްކާތެރި ހާދިސާއެއް އެ ސަރަހައްދުގެ އެހެން އަވަށްތަކަށް ވެސް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުން ވަގުތުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސޫދާންގައި އަހުލީ ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމައިގައި ޤައުމުގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ދެމެދު ހަނގުރާމަ ކުރަމުންދާއިރު، އެސްއެލްއެމް/އޭއިން ވަނީ މި ހަނގުރާމައިގައި އެއްވެސް ފަރާތަކަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.
މި ވަގުތު އުތުރު ދަރްފޫރުގެ ވެރިރަށް އަލް-ފާޝިރްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތަކެއް ސަތޭކަ އާއިލާތަކެއް ވަނީ ޖަބަލު މުއްރަތު ސަރަހައްދަށް ދަތުރުކޮށްފައެވެ.
ނަމަވެސް އެ ސަރަހައްދުގައި ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާގެ ވަސީލަތްތައް ވަނީ ހުސްވެފައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.




