މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުން(އިސް ދަނޑުވެރިން) ގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނުކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މި ލީޑް ފާމަރުގެ ބޭނުމަކީ އެ ރަށެއްގައި މެޕް ޕްރޮޖެކްޓުން އަޅާފައިވާ ގްރީންހައުސްގައި އަދި މި ޕްރޮޖެކްޓާއެކު މަސައްކަތްކުރާ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައާއި ބިމުގައި ގަސްހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ ޕްރޮޖެކްޓުން ދަސްކޮށްދޭ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުން ކަމަށެވެ.
“ އިސް ދަނޑުވެރިން ޕްރޮޖެކްޓުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ޕްރޮޖެކްޓް އަދި މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އިސް ދަނޑުވެރިންނަށް މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީންތައް މިހާރު ދީފައެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަދި އެހެނިހެން ގޮތްގޮތުންވެސް ގަސްހެއްދުމާގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ގަސް އިންދުމަށް ބޭނުންކުރާ މީޑީއާ، ގަހުގެ ބައިތައް، ގަހަށް ބޭނުންވާ ކާނާގެ މާއްދާތައް، ގަހަށް ޖެހޭ ބަލިތައް އަދި ބަލިތައް ކޮންޓްރޯލްކުރާނެގޮތްތައް ދަސްކޮށްދެއެވެ.
މީގެއިތުރުން ގަސްހައްދާއިރުގައި ގެންގުޅެންޖެހޭނެ އެންމެ ރަނގަޅު މިންގަނޑުތަކާއި، ހިސާބުބެލެހެއްޓުމާއި، ކްރޮޕް ޕްލޭނަރ އާއި އަދި ޗެކްލިސްޓް ބަލަހައްޓާނެގޮތާއި ގްރޫޕެއްގޮތުގައި މަސައްކަތްކުރުމާއި، ގްރޫޕްމެނޭޖްކޮށް މޯޓިވޭޓްކޮށްގެން މަސައްކަތްތައް ބައްޓަންކުރެވޭނެގޮތުގެ ތަމްރީން ޕްރޮގްރާމްވެސް، އިސް ދަނޑުވެރިންނަށް ދެވޭނެއެވެ.
މެޕް ޕްރޮޖެކްޓުން ގްރީންހައުސް އަޅާފައިވާ ރަށްތަކާއި އަދި އާ ގްރީންހައުސްތައް އަޅާރަށްރަށުގެ އައި.އެފް.އެފް މެންބަރުންގެ ތެރެއިން ކޮންމެ ރަށަކުން މަދުވެގެން 2 މީހުން ނެގުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިސް ދަނޑުވެރިން ނެގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހއ. މޮޅަދޫ
- ހއ. ކެލާ
- ހއ. ފިއްލަދޫ
- ހއ. އުލިގަމް
- ހދ. ކުމުންދޫ
- ހދ. ވައިކަރަދޫ
- ހދ. މަކުނުދޫ
- ހދ. ނޭކުރެންދޫ
- ހދ. ނޮޅިވަރަންފަރު
- ށ. ކަނޑިތީމު
- ށ. ގޮއިދޫ
- ށ. ބިލެތްފަހި
- ށ. ފޯކައިދޫ
- ށ. ނަރުދޫ
- ށ، ފޭދޫ .
އިސްދަނޑުވެރިން ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އެ މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި މިހާރުވެސް ގްރީން ހައުސްގެ މަސައްކައްކަތްތައް ރާވާ ހިންގުމުގައި އިސްކޮށް އެހެން ބައިވެރިން މޯޓިވޭޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިގްރީންހައުސްގައި އިންދާ ތަކެތީގެ ދުވަހުން ދުވަހަށް ކުރާކަންތައްތަކުގައި އިސްކޮށް ގޮތްކިޔާ ޓްކެނިކަލް ކަންތައްތަކުގައި އިސްކޮށް ގްރޫޕްތެރެއިން ހަރަކާތްތެރިވާ ފަރާތްތަކަށް ބަލާނެއެވެ.
ލީޑް ފާމަރުން ހޮވާނެގޮތުގެ ތެރޭގައި ކޮންމެ ރަށެއްގައިވެސް އައި.އެފް.އެފްގެ ބޯޑުގައި އެކްސްޓެންޝަން ލިންކު ފާމަރެއް ހޮވާފައިހުރިނަމަވެސް އެކްސްޓެންކްޝަން ލިންކު ފާރމަރެއްގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތައްވުރެ ބޮޑު މަސްއޫލިއްޔަތެއް ލީޑް ފާމަރ އަދާކުރަންޖެހޭތީ ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް އައި.އެފް.އެފް މެންބަރުންގެ މަޝްވަރާއާއެއްކޮށް ހަމަޖައްސާނެއެވެ.
އެހެންކަމުން ކޮންމެ ރަށަކަށް ދަތުރުކޮށް އެރަށެއްގެ އައި.އެފް.އެފްގެ މެންބަރުންނާ ބައްދަލުކޮށް ލީޑް ފާމަރުންގެ ބޭނުމާއި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކިޔާދޭނެއެވެ.



