މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެއެވެ. ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.



