ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ވިއްކާފައިވާ ކޭ-ޕާކްގެ ހަތަރު އެޕާޓުމަންޓެއް، އެ އެޕާޓުމަންޓުތައް ގަތް މީހާއާ ހަވާލުކުރަން، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ގ. ކަކާގެއާގެ / އަލީ އާދަމް އެވެ.
އެގޮތުން އޭނާ ކޯޓުގައި އެދިފައިވަނީ ކޭޕާކު ރެސިޑެންސްގެ ފަސްވަނަ ފަންގިފިލާއާއި ހަތްވަނަ ފަންގިފިލާގައި ހަދާފައިވާ ހަތަރު އެޕާޓުމަންޓު އޭނާއާ ހަވާލުކޮށް ދިނުމަށް ނުވަތަ އެ އެޕާޓުމަންޓުތަކުގެ އަގަށް އޭނާ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.
ހަންބޯ ކުންފުނިން މި މައްސަލައިގައި ސިވިލް ކޯޓަށް ޖަވާބުދާރީ ވެފައި ނުވުމުން ކުންފުނީގެ ގައިރު ހާޒިރުގައި އިއްޔެ ކުރި ހުކުމްގައި އަމުރުކޮށްފައިވަނީ ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އެ އެޕާޓުމަންޓުތައް އަލީ އާދަމްއާ ހަވާލުކުރުމަށާއި އެޕާޓުމަންޓުތައް ހަވާލުނުކުރެވޭނަމަ އޭގެ އަގަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އޭނާއަށް އަނބުރާ ދިނުމަށެވެ.
އަލީ އާދަމަށް މި އެޕާޓުމަންޓުތައް ވިއްކުމުގެ އެއްބަސްވުމެއްގައި 3 އެޕްރީލް 2023ގައި ހަމްބޯ ކުންފުނީގެ ޑިރެކްޓަރު ހަސަން މަމްދޫހު ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ.
މީގެއިތުރުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު މި ހަތަރު އެޕާޓުމަންޓަކީ ވެސް އަލީ އާދަމްއާ ހަވާލުކުރަންޖެހޭ ތަންތަންކަން އެނގޭ ކަމުގައިވެސް ހުކުމްގައި ބުނެފައިވެއެވެ.




