ނިރުބަވެރި އިސްރާއީލުން ޣައްޒާސިޓީ ހިފުމަށް މަޖުބޫރުން ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެތަކުން ބޭރުކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް މިސްރުން ބުނެފިއެވެ.
ސީޕްރިއަސްގެ ނިކޯސިއާގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިސްރުގެ ފޮރިން މިނިސްޓަރު، ބަދްރު އަބްދުލްއަތީ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ”ގަތުލުއާންމެއް” ކަމަށާއި އެއީ ހީވެސް ނުކުރާ ފަދަ ގޮތަކަށް ހިންގަމުން އަންނަ ކަމެއް ކަމަށެވެ.
”މީހުން ބޭރު ކުރުމަކީ އެއީ އޮޕްޝަނެއް ނޫން. އެއީ މިސްރަށް ރަތް ރޮނގު. އަހަރުމެން އެކަމެއް ވިޔަކަ ނުދޭނަން“ މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމަކީ ފަލަސްތީނު ނައްތާލުމާއި ފަލަސްތީނުގެ ނިމުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އަމިއްލަ ވަޒަނުން މީހުން ގަދަކަމުން ބޭރުކުރުމުގެ ޤާނޫނީ އަދި އެފަދަ އެހެން އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް އަބްދުލްއަތީ ވަނީ ފާހަގަކުރައްވާފައެވެ.
އިސްރާއީލުން ދަނީ ޣައްޒާގައި އާންމުންގެ ގިނަ ބަޔަކު ޝަހީދުކުރަމުން ކަމަށާއި އެއީ ހީވެސް ނުކުރާ ވަރުގެ ގަތުލުއާންމެއް ކަމަށް މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.



