ސައުދީ އަރަބިއްޔާގެ މަޝްހޫރު ރެސްޓޯރަންޓް ޗެއިން ހަޝޭ ބާޝާގެ ނަމްރާ ބްރާންޗްގައި ހިނގި ބާރުގަދަ ގޮވުމެއްގެ ސަބަބުން އެ ރެސްޓޯރަންޓް އަނދައި އަޅިއަށް ވެއްޖެއެވެ.
ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓުކުރާ ގޮތުގައި، ހުކުރު ދުވަހު ހިނގި މި ހާދިސާގައި ހިނގީ ގޭސް ލީކުވެ، އެތަނުގެ ތެރޭގައި ކުއްލިއަކަށް ޕްރެޝަރު ބޮޑުވުމުންނެވެ.
މި ގޮވުމުގެ ސަބަބުން ރެސްޓޯރަންޓުގައި އަލިފާން ރޯވެ، ވަށައިގެންވާ އަވަށްތަކަށް އޭގެ އަސަރު ފޯރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދުނު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. މަންޒަރު ދުށް ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ މިއީ ވަރަށް ކުއްލި އަދި ބިރުވެރި ހާދިސާއެއް ގޮތުގައެވެ.
ސިވިލް ޑިފެންސް އަދި އެމަޖެންސީ ކްރޫތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށް، އިތުރު ގެއްލުންތަކެއް ލިބުމުން އެ އާބާދީ ބޮޑު ޑިސްޓްރިކްޓް ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު ރެސްޓޯރަންޓުގެ އެތެރޭގައި އެއްވެސް މަސައްކަތްތެރިއަކު ނެތްކަން ސައުދީ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
2016 ވަނަ އަހަރު ފެށުނު ހަޝޭ ބާޝާ ޗެއިނަކީ ސައުދީ އަރަބިއްޔާގެ އެންމެ މަޝްހޫރު ”ކެޝުއަލް ޑައިނިންގ“ ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑެވެ. މި ރެސްޓޯރަންޓް ޗެއިންގެ 100 އައުޓްލެޓް ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކުގައި ހުރެއެވެ.
މި ހާދިސާގެ ވީޑިއޯ ކްލިޕްތަކާއި ފޮޓޯތައް މީސް މީޑިއާގައި ވަނީ ހަލުވިކަމާއެކު ދައުރުވެފައެވެ. ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.



