ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށް ޔަހޫދީ އަސްކަރިއްޔާއިން ތައްޔާރުވެއްޖެއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ސިފައިން މިއަދު ޣައްޒާ ސިޓީއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށް ވަނީ ތައްޔާރުވެފައެވެ.
ޣައްޒާ ސިޓީގެ ޖަމާލް އަބްދުލް ނަސީރް ސަރަހައްދު ދޫކޮށްދިއުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިން ވަނީ އަންގާފައެވެ. އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުގައި އަދި މަގުތަކުގައި ޓެންޓް ޖަހައިގެން ފަލަސްތީނުގެ ރައްޔިތުން ތިބިއިރު، އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވަނީ އެ ސަރަހައްދަށް ބޮމުގެ ހަމަލާތަކެއް ދިނުމަށްކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އަދި އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ މަރުވެދާނެ ކަމުގެ އިންޒާރުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ އަސްކަރިއްޔާއިން ވަނީ ދީފައެވެ.
އިޒްރޭލުގެ ސިފައިންގެ އިސް މީހަކާއި ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، މި ހަމަލާތަކަކީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްދޭ ހަމަލާއެއް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި މިއީ، އިޒްރޭލުން މުޅި ޣައްޒާ ހިފުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ރޭވިގެން ހިންގަމުންދާ ކަމެކެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އަޒްރޭލުން، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 64,522 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.


