މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ ޝަރީއަތުގައި، ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަން ހަމަޖައްސައިފިއެވެ.
މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަމަ އަހަރުގެ އޮގަސްޓް މަހުގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ، ޝިއާއު މުހައްމަދު ސައީދު އެވެ.
ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކުރީ ދެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އެ ދެ ހެކިންގެ ހެކިބަސް މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާއެކު ނަގަން ދައުލަތުން ވަނީ އެދިފައެވެ.
އެ މައްސަލާގައި 35 ހެއްކެއްގެ ހެކިބަސް ނަގަން ޖެހޭއިރު، އެކަމަށްޓަކައި ހަ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ހުރިހާ ހެކިންގެ ހެކިބަސް ދެ މަސް ތެރޭގައި ނަގައި ނިންމާ ގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.




