ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވުމުގެ ސަބަބުން މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ހަތް ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެއީ ތިމަރަފުށީ، ފެހިވިދުވަރުގޭ، އަބްދުﷲ ޝަރީފާއި އެ ރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި ހަމަ އެގޭ އަލީ މުނީޒާއި އެ ރަށު އަސުރުމާގޭ، މުހައްމަދު އާސިރާއި އެ ރަށު ސައިމާ، ސަމާހް ޝަރީފާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ، ބީޗްހައުސް، އަބްދުﷲ އިމާދު އަދި ނ. ކުޑަފަރީ، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ.
އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. މި ހަތަރު މީހުން ބަންދުގައި ތިބި މުއްދަތު އަދަބުގެ މުއްދަތުން ކެނޑުމުން ޖަލު އަދަބެއް ތަންފީޒު ކުރަން ޖެހެނީ އަރުހުމްއަށް އެކަންޏެވެ.
އެކަމާ ގުޅޭ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓަށް ކުރިއަށް ގެންދިޔަ ކަން ވެސް ކަށަވަރުވެފައިވާއިރު، އެ އަޑުއެހުމުގައި އަމުރު ނެރެފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އަމުރު ތަންފީޒު ކުރަންޖެހޭ ފުލުހުންގެ ބަހެއް ނުލިބެ އެވެ.
މިފަދަ އަމުރަކަށް އެދި ހޯމް މިނިސްޓްރީން ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ ގޮތެއް ކަނޑައަޅަންޖެހެއެވެ.



