ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ޤާނޫނުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއަކަށް އަންނަ ފަރާތްތަކަށް، ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން އިނާޔަތް މެދުކަނޑާލެވޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މިއީ ގިނަ ރައްޔިތުން އެދެމުން އައި ބަދަލެއް ކަމަށްވާއިރު، ސިޔާސީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބައްލަވައި، ކުރީގެ އެއްވެސް ވެރިއަކަށް މިފަދަ ނިންމުމެއް ނިންމެވުމުގެ ހިތްވަރު ލިބިވަޑައިނުގަންނަވެއެވެ.




