ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ނިންމުމެކެވެ.
މި ނިންމުމުގެ ދަށުން، ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއީ ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށެވެ.
މި ނިންމުމާއެކު އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބުމަށް މަގުފަހިވާނެ އެވެ. އަދި ތަކެތީގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރެވި ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ލިބުމަށް މަގުފަހިވާނެ އެވެ.
ސަރުކާރުން މި ފިޔަވަޅު އެޅުއްވިއިރު ބައެއް ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރަމުން އައި ބައެއް ބާވަތްތަކުގެ މޭވާއާ ތަރުކާރީގެ އަގުތައް ވަނީ ވަަރަށް ބޮޑަށް އުުފުލިފަ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ މާލީ ގޮތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ އެވެ.
އެފަދަ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ ފުރިހަމަ އިންތިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއްކޮށް ފިޔަވަޅުތައް އަޅުއްވަމުންނެވެ.



