އެޕަލްއިން ރޭގައި ދައްކާލި އެންމެ ފަހުގެ އައިފޯން 17 ގެ ޕްރީ-އޯޑަރު އަންނަ ހުކުރު ދުވަހު ހުޅުވައިލަން ނިންމައިފިއެވެ.
މި ސީރީޒްގައި ހިމެނޭ ހަތަރު މޮޑެލްގެ ފޯނުތައް މި މަހުގެ 19 އިން ފެށިގެން ޝިޕްކުރަން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
އައިފޯން 17 ސީރީޒްގައި ހިމެނެނީ އައިފޯން 17 އާއި އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ އިތުރުން އައިފޯން އެއާ އެވެ. އެޕަލްއިން ބުނި ގޮތުގައި މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗަރތައް ހިމަނާފައިވާ އިރު، އައިފޯނުގެ އަހުލުވެރިންނަށް ގަޔާވާނެ ގިނަ ކަންކަން މި ޑިވައިސްތަކުގައި ހިމެނިފައިވެ އެވެ.
އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.
މި ފޯނުތައް ލިބެން ހުންނާނީ ފަސް ކުލައެއްގައެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅު އަދި ހުދުގެ އިތުރުން ސޭޖް ކުލައެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ-އޯޑަރު ކުރެވޭނެ މި ފޯނުތައް، މި މަހުގެ 19 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ.



